މިޤައުމަކީ އަޅުގަނޑުމެންގެ ކާބަފައިން އެތަކެއް ޤުރުބާނީއެއްވެގެން އަޅުގަނޑުމެންނާ ހަމަޔަށް ގެނެސްދިން އަޅުގަނޑުމެންގެ މުޤައްދަސް ޤައުމެވެ. މިއީ ޤައުމުދެކެ ލޯބިވާ އެތަކެއް ބަތޮލުންގެ ސާފުލެއިން ފެވިފައިވާ ފަސްގަނޑެކެވެ. އިއްޔެ އެކާބަފައިންނެވެ. މިއަދު އަޅުގަނޑުމެންނެވެ. މާދަމާ ކުރިމަގުގެ ޖީލަށެވެ.
މައިމީހާގެ ބަނޑުން އުފަންވެ ފިރުކެމުން ލޫދެމުން ތެދުވެ ހިނގައިގަނެވި ދުވެވޭން ފެށުމުން އަޅުގަނޑުމެންނަށް މިފެންނަނީ ޤައުމުގައި މިހުރި ވަސީލަތްތަކެވެ. ބޭނުންކުރަމުން މިގެންދަނީ މީގެކުރީން ބަޔަކު އަޅުގަޑުމެންނަށްޓަކައި އިންތިޒާމުކުޅަ ޚިދުމަތްތަކެއްކަމާ އެޚިދުމަތްތައް އެފޯރުކޮށްދިން ބަޔެއްގެ ހެޔޮނިޔަތާ އެކަމަށްކުޅަ ހޭދަޔާ މިންނެތް މަސައްކަތާމެދު އެންމެފަހަރަކުވެސް ވިސްނާލީމުހެއްޔެވެ؟ އަދި މިޚިދުމަތްލިބިގެން މިފަސްގަނޑުގައި މިދިރިއުޅެވެނީ ކިހާވަރެއްގެ މިނިވަންކަމެއް ލިބިފައިއޮތީމަކަމާމެދު ވިސްނާލީމުހެއްޔެވެ؟ އަދިމިކަންކަމަކީ ކިތައްހާސްއަހަރުގެ ތާރީޚަކުން ހާސިލް ކުރެވުނު މިންވަރުކަމާމެދު ފިކުރުކޮށްލީމުހެއްޔެވެ؟
އާދެ ޤައުމެއް ޤައުމަކަށް މިވަނީ ހާދަހާ ގިނަކަންކަމެއް ފުރިހަމަވެގެންނެވެ. ހާދަގިނަގުނަ ވަސީލަތްތަކެއް އެތަނެއްގައި ޤާއިމްކުރެވިގެންނެވެ. ތަރައްޤީއާއި ތަމައްދުންގެ މަގުގައި ހާދަހާ ލެޔަކާއި ދަލެއް އޮހޮރައިގެންނެވެ. މިނިވަންކަމަށްޓަކައި ހާދަފުރާނައެއް ޤުރުބާން ކޮށްގެންނެވެ. ނަމަވެސް ހިތާމަޔަކީ މިކަންކަމާމެދު ފުރިހަމަޔަށް ވިސްނާން ބޭނުންނުވާކަމެވެ.
ވިސްނަވާށެވެ. ދިވެހިރާއްޖެ މިއަދާ ހަމަޔަށް މިގޮތުގައި މިއޮތީ ހާދަގިނަ ސަބަބުތަކަކާ އެކުވެގެންނެވެ. ރަނގަޅާއި ނުބައި ކަންކަންވެސް ހިމެނިގެންނެވެ. ދުނިޔޭގައި އިސްތިއުމާރުންގެ ވެރިކަން ފުޅާވަމުން ދިޔަދުވަސްތަކުގައި މިޤައުމުވެސް ސަލާމަތެއް ނުވިއެވެ. ކޮންމެވެސް ހިސާބަކުން އެބައިމީހުންގެ އަތްދަށުގައިވެސް ވިއެވެ. ނަމަވެސް އެތާރީޚަށް ބަލާލާއިރު މިޤައުމު ބަޔަކު އަޅުވެތިކުރީއަކީ މިޤައުމުގައި އެބަޔަކުއެދޭ މިންވަރާ ގާތަށްވެސް ތަނަވަސްކަމެއް އޮވެގެންނޫންކަމުގައި ދެންނެވިދާނެއެވެ. ބޮލިރޯނާއި ކުފުރާކޮޅެއްގެ ބޭނުމުގައި ކަމާކަންފަށާ ބަޔަކު މިޤައުމު އަޅުވެތިކޮށްގެން އަމިއްލަ ނަފްސު ބިރުވެރިކަމުގެ ތެރެއަށް އެއްލާލަފާނެކަމާމެދު ސުވާލުއުފެދެއެވެ.
ތާރީޚަށް ފުންކޮށް ވިސްނާލާއިރު ދިވެހީންގެ ފުރިހަމަ ހަޟާރަތެއް ޤާއިމްކުރެވި ތާރީޚް އެނގޭންފެށިފަހުން ދިވެހީންގެ މިނިވަންކަން ގެއްލި އަޅުވެތިކަމުގެ ނާމާންކަން ދިވެހީން ތަޙައްމަލުކޮށްފައިވަނީ މަދުފަހަރެއްގައި ނަމަވެސް އެއީ ތާރީޚު ފިސާރި ހިތިކޮށް ބަޔާންކޮށްދީފައިވާ ދުވަސްތަކެކެވެ. މިއިން ކޮންމެ ހާދިސާއެއްގެ ފަހަތުގައި ތިބީއަކީ މުޅިޔަކުން ބޭރުގެ ބާރުތަކެއްނޫނެވެ. ދިވެހީންގެ މިނިވަންކަން ނަގާލައި ދިވެހީން އަޅުވެތިކުރުމުގެ ފަހަތުގައި މިއިން ކޮންމެ ފަހަރަކުވެސް މޫބާލައިގެން ތިބީ ދިވެހި ބިމަށްއުފަން ހަމާމަހާކަށިން އުފެދިފައިތިބި ދިވެހީންނެވެ. މިއީ ކިތަންމެ ހިތިނަމަވެސް ޙަޤީޤަތެވެ. ކަމުގެ އަޑީގައި ފޮރުވިފައިވާ ސިއްރަކީ ހަސަދައާއި ފިތުނައެވެ. ބަދަލުހިފުމާއި ޒާތީ ތަޢައްސަބެވެ. އަދިމީގެތެރޭގައި އެންމެ ފާޅުކަން ބޮޑުގޮތެއްގައި އެނގޭންއޮތީ ވެރިކަމުގެ އާރާއިބާރު ކޮންމެވެސް ގޮތަކަށް ގެއްލުމުން އަނބުރާ އެބާރުހޯދުމަށް ކުޅަ މަސައްކަތްތަކެވެ. ޤައުމުގައި އޮތް ތިމާގެ ބާރެއް ގެއްލުމުން ކޮންމެގޮތަކުންނަމަވެސް އެބާރުއަނބުރާ ހޯދުމަށް ނުވަތަ ތިމާއަތުން ބާރު ގެއްލުނީތީވެ އަނެކުން އަޅުވެތިކޮށް ބަދަލު ހިފާލުމުގެ ނުބައިނިޔަތުގެ ނަތީޖާއަކަށްވެފައިވަނީ މިޤައުމުގެ މިނިވަންކަން ގެއްލި ބޭރުބައެއްގެ އަޅުވެތިކަމުގެ ދަށުގައި ކަސްތޮޅުއެޅިގެން ދިއުމެވެ. އެތަކެއްފުރާނައެއް ގެއްލިދިއުމެވެ. އަނބިދަރީންނާއި އާއިލާތައް ބިކަވެދިއުމެވެ. ޤައުމުގެ އިޤްތިސާދު އެތައްފުންމިނަކަށް ސޮއްސާލައިގެން ވެއްޓުމެވެ.
މިއަދު މިޤައުމުން މިފެންނަނީ އެފަދަ މަންޒަރެކެވެ. އިއްޔެ ބާރުގައިތިބި ފަރާތްތަކުން އެބާރު ގެއްލިދިއުމުން ފިސާރި ފޫގަޅައި ނުކުމެއެތިބީ ގެއްލިގެންދިޔަ ޢިއްޒަތާ ވެރިކަން ހޯދުމަށެވެ. މިޤައުމުގެ ވެރިކަމުގައި މިވަޤުތު މިތިބީއަކީ ބޭރުން އަރައި ޤައުމު ހިސޯރުކޮށްގެން ތިބި ބައެއްނޫނެވެ. އެމީހުންނަށް ވެރިކަން ދީފައިވަނީ ދިވެހީންގެ ފުރިހަމަ އަޣްލަބިއްޔަތުންނެވެ. ނަމަވެސް ވެރިކަމުން އަތްދޫވި މީހުންގެ ތިރީސްއަހަރުން ނުފުރުނު ހިތް މިއަދު މިވަނީ ޚަލާސްކޮށް ދިވެހި ވެރިކަމުގައި ތިމާމެންނޫން އެހެން ބަޔަކު ތިބިޔަނުދޭނޭކަމަށް ވައުދުވެ ފިސާރިއަކަށް ރުކުރުވާލާފައެވެ. އަދި އެންމެ ބިރުވެރިމަންޒަރުމިދަނީ ފެންނަމުންނެވެ. ފާޅުގައި އިދިކޮޅުމީހުން އެބުނަނީ މިކަން ހުއްޓޭނީ ރައީސް އިސްތިއުފާ ދިނުމުންކަމުގައެވެ. އެހެން އެއްވެސް ގޮތެއް އެމީހުން ބޭނުމެއްނޫނެވެ.
ޤައުމުގައި މިއުފެއްދި ހައިޖާނުގަނޑުން ބޭނުންވި މިންވަރު މުޅީން ޙާސިލް ނުވުމުން މިހާރު މިފެންނަނީ ތާރީޚް އަނބުރާ އިއާދަކުރާން އުޅޭތަނެވެ. ބޭރު ޤައުމުތަކަށްގޮސް ބޭރުގެ ނުފޫޒާ ބާރު މިހައިޖާނުގެ ތެރެއަށް ވެއްދުމައް އެދަނީ މަސައްކަތްކުރަމުންނެވެ. އާޚިރު ނަތީޖާ ނިމިގެންދާނީ ކިހާވަރެއްގެ ހިތިރަހައެއް ދިވެހީންގެ އަރުތެރޭގައި ލައްވާފައި ކަމާމެދު އޮތީހީކޮށްލުމެވެ. ޔަޤީނުންވެސް މިޤައުމުގެ މަސްލަޙަތާ ސަލާމަތަށް އެދި ދިވެހީންނަށްވުރެ އިޚްލާސްތެރި ބަޔަކު ބޭރުން އަތުވެދާނެބާއޭ މިއީއުފެދޭ ސުވާލެކެވެ. ޖަވާބުއޮތީ ތިބާގެ ފުށުގައެވެ. އެހެނީ މިއީ ތިބާގެވެސް ޤައިމެވެ. ހުރިހާ ގެއްލުމަކާ ހަލާކެއްވިޔަސް ފައިދާއެއްވިޔަސް ތިބާދެކޭނެއެވެ.



ޤާނޫނާއި ޚިލާފަށް (ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީގެން) ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މަހުޖަނު ޤާސިމް އިބްރާހިމް އާއި އަބްދުﷲ ޔާމީން އިތުރު 15 ދުވަހަށް ގޭބަންދުގައި ބެހެއްޓުމަށް ދާދި ދެންމެއަކު ހައިކޯޓްން ހުކުމް ކޮށްފިއެވެ.
ޚިޔާނާތްތެރިން ހައްޔަރުކުރަންވީއެވެ. މިޤައުމު ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް ބޭނުންނަމަ، ދިވެހި ރައްޔިތުންނަށް މިއަދު ވާޖިބުވެގެންވާ އެއްމެ މުހިއްމު އެއްކަމަކީ، ހުރިހާ ވަގުން ހިފާ ހައްޔަރުކުރަންވީއެވެ. ދައުލަތުގެ ޚަޒާނާއިން ވަގަށް ނަގާފައިވާ ފައިސާތައް އަނބުރާ ހޯދަންވީއެވެ. މިމަސައްކަތް ނުކޮށް ކާމިޔާބީގައި ހިތް ތިރިކޮށްގެން ތިބުމަކުން، މިޤައުމަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. 
ކޮންމެ ގޮތެއް ހަދާފައިނަމަވެސް ވެރިކަމަށް އަރަން ބޭނުންވެއެވެ. އެގޮތުން އެއްމެ ފަސޭހައިން އެއްމެ އަވަހަށް ވެރިކަމަށް އާދެވެން އޮތީ ރައްޔިތުންގެ މަޖިލީހަށް ގާނޫން އަސާސީން ދީފައިވާ ބާރު ނަހަމަގޮތުގައި ބޭނުންކޮށް، ސަރުކާރު ހުއްޓުމަކަށްގެނެސް، ރައްޔިތުން ކައްކުވާލައިގެންނެވެ. ބޭނުންވަނީ ސަރުކާރު ޒިންމާދާރުކުރުވުމުގެ ނަމުގައި ސަރުކާރު ހިންގުމަށް ބޭނުންވާ ހުރިހާ ބާރުތަކެއް މަޖިލީހަށް ވެއްދުމަށްފަހު، ކޮންމެ ހަފްތާއަކު ވަޒީރަކު މަޖިލީހަށް ހާޒިރުކޮށް، ބަޖެޓަށް ބޭނުންވާ ފައިސާ ނުހޯދެނީ ކީއްވެގެންތޯ އާއި، ފައިސާ ނެތިގެން ރައްޔިތުންނަށް ޚިދުމަތް ނުދެވޭނަމަ އިސްތިއުފާއަށް ގޮވައި، އިތުބާރު ނެތްކަމުގެ ވޯޓް ނަގައި، ސަރުކާރުގެ ހިންގުން ހުއްޓުމަކަށްގެނެސް، ދާޚިލީ ހަމަނުޖެހުމެއްގެ ތެރެއަށް ގައުމު ވައްޓާލައިގެންނަމަވެސް ވެރިކަމަށް އެރުމެވެ. ނަމަވެސް ފައިސާގެ ނުފޫޒުން މަޖިލީސް ކޮންޓްރޯލްކޮށް ވެރިކަން ވައްޓާލަން އުޅެ އެކަން ނުކުރެވިގެން އުޅެނިކޮށް ވެރިކަމުގައި ތިބި މީހުންނަށް މިކަން ފަޅާއަރައިފިއެވެ. އަދި ހިތް ތިރިކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފިއެވެ.
އެއާޕޯޓް ޕްރައިވަޓައިޒް ކުރުމުން އެއްކަލަ މީހުންގެ ވިޔަފާރިތަކަށް ގެއްލުންވަނީޔޯލައެވެ. އެއާޕޯޓް ހިންގުމާއި ހަވާލުވާ ކުންފުނިން އެއާޕޯޓް ހިންގަން އުޅެނީ، އަދި އެއާޕޯޓް ހިންގޭނީ ގެސްޓުން ގެނެސްގެންކަން އެނގޭއިރުވެސް، ހަރު މުދައި ވިއްކަނީ ކަމަށްބުނެ، ރައްޔިތުންނަށް އޮޅުވާލައި ވެރިކަން ލިބޭތޯ މަސައްކަތްކުރެވެނީއެވެ. ރާއްޖޭގެ ސްކޫލްތަކުގެ 11، 12 ގައި ކިޔަވާކުދިންނަށް އިސްލާމާއި ދިވެއްސަކީ އިޚްތިޔާރީ ދެމާއްދާގެ ގޮތުގައި ހަމަޖައްސަން އުޅުމަކާއި، ވިހެއިރުއްސުރެން ރާއްޖޭ ބޭރުގައި، ކްރިސްޓިއަން ގައުމުތަކުގައި، ކިޔަވަން ބައިތިއްބާފައިތިބި އެއްކަލަ މީހުންގެ ދަރިންގެ ދީނީ ވަހްދަތާއި، ދިވެހިވަންތަކަމާއި އެއްވެސް ގުޅުމެއް ނެތްކަން އެނގޭއިރުވެސް ރައްޔިތުންނަށް އޮޅުވާލައިގެން ވެރިކަން ލިބޭތޯ މަސައްކަތްކުރެވެނީއެވެ. ވެރިކަމަށް އާދެވެންޏާ ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށްވެސް ތައްޔާރެވެ. އެއީމަޖިލީހުގައި ތިއްބެވި މެދުފަންތިއާއި މެދުފަންތިން ދަށުގެ އާއިލާތަކަށް ނިސްބަތްވާ މީހުންނާއި، އެމީހުންގެ އާއިލާތައް އެއްކޮށް ގަނެގެންވިޔަސްހެވެއެވެ.
ކާމިޔާބުގައި ހިތް ތިރިކޮށް ނާކާމިޔާބުގައި ހިތްވަރުގަދަކުރާ މިންވަރު ބޮޑީއެވެ. ވެރިކަން ލިބުމުން ހިތް ތިރިވެގެން ގޮސް 30 އަހަރު ވެރިކަން ކުރި މީހުންނާއި، 30 އަހަރުގެ ވެރިކަމުގެ އެތެރެއިންނާއި ބޭރުން އެ ވެރިކަން ވައްޓާލައި ވެރިކަމަށް އަރަން މަސައްކަތްކުރި މީހުންނަކީ އެއްވެސް އަމިއްލަ އެދުމެއް އޮވެގެން ވެރިކަމަށް އަރަން އުޅުނު ބައެއް ނޫންކަމަށާއި، އިތުރަށް އެމީހުން ވެރިކަމާއި ތޮޅެން ބޭނުން ނުވާނެކަމަށް ވިސްނުނީއެވެ. މިއީ ހިތް ތިރިވުމުން ހިތަށާއި ސިކުނޑިއަށް ވިސްނޭގޮތެވެ.
ވެރިކަމާއި ހަވާލުވިއިރު ގައުމު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައެވެ. ހުސްކަން ފުރުމަށްޓަކައި އިންތިގާލީ މަރުހަލާތަކެއް ގާނޫނު ލިޔުނު މީހުން ލިޔެފައިއޮތެވެ. ނަމަވެސް ގައުމުގެ ހިންގުމުގައި އަދި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ހަދަންޖެހޭ ގާނޫނުތައް ހުރީ ނުހެދިއެވެ. މިގާނޫނުތައް ހަދަންޖެހެނީ އަލަށް އެކުލަވާލާ މަޖިލީހުންކަމަށް ވުމާއެކު، ސަރުކާރުގެ 5 ވައުދު ފުއްދުމަށްޓަކައި އާ މަޖިލީހުގެ ގާނޫނީ ހިއްސާ ބޭނުންކަމަށް ބުނެ ވެރިކަން ލިބުނު މީހާގެ ޕާޓީމީހުން ކެމްޕޭން ކުރަންފެށިއެވެ. ނަމަވެސް ގާނޫނީ ހިއްސާ އަކީ ކޮބައިކަމާއި، އެހިއްސާ ނުލިބިއްޖެނަމަ، ވެރިކަމުން ދުރުކުރެވުނު ސަރުކާރުގެ ވެރިންނާއި، އެވެރިކަމުގެ އެތެރެއާއި ބޭރުން އެވެރިކަން ވައްޓާލައި، ވެރިކަމަށް އަރަން މަސައްކަތްކުރި މީހުން މަޖިލިސް ބޭނުންކޮށްގެން ވެރިކަމަށް ހުރަސް އަޅައި، ވެރިކަން ވައްޓާލަން މަސައްކަތްކުރާނެ ވާހަކަ ރައްޔިތުންނަށް ވިސްނައި ނުދެވުނެވެ. ނަތީޖާއަކަށްވީ މަޖިލީހުގެ ގާނޫނީ ހިއްސާ ނުލިބި، ވެރިކަމަށް ފެންބޮވައިގެންފާ ބައެއްގެ އަތްމައްޗަށް މަޖިލިސް ދިއުމެވެ.
ކޮންމެ މީހަކުވެސް ބޭނުންވަނީ ވެރިކަމެވެ. އެގޮތުން ވެރިކަން އެއްމެ ބޮޑަށް ބޭނުންވެގެން އުޅުނު މީހުން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލިއެވެ. ޕާޓީގެ ތެރެއިންނާއި ޕާޓީން ބޭރުންނެވެ. ޕާޓީގެ ތެރެއިން ގޮތެއް ހަދާލައިގެން ބައެއް ބޭފުޅުން އިންތިޚާބަށް ކުރިމަތިލީ އެތެރޭގެ އިންތިޚާބަކާއި ނުލައެވެ. ޕާޓީގެ އިންތިޚާބުން ފެއިލްވި ބަޔަކުވެސް އުޅުނެވެ. ނަމަވެސް ހިތުތެރޭގައި ވެރިކަމަށް އޮތް އެދުންވެރިކަމަކަށް ބަދަލެއް ނާދެއެވެ. މީގެ ތެރޭގައި ހިމެނެނީ އޭރު ހިނގަމުންދިޔަ ވެރިކަމުގެ ތެރެއިން، އެވެރިކަން ވައްޓާލައި ވެރިކަމަށް އަރަން އުޅުނު މީހުންނާއި، ވެރިކަމުގެ އަނިޔާތަކަށް ކެތްނުކުރެވިގެން އަނިޔާތަކުން ސަލާމަތްވުމަށްޓަކައި ވެރިކަން ބަދަލުކުރަން އުޅުނު މީހުންނެވެ.
އެއްމެފަހުން 30 އަހަރުގެ ވެރިކަން ވައްޓާލިއެވެ. އަދި ވެރިކަން ވައްޓާލުމަށްފަހު އެއްބަސްވެފައިވާ ގޮތަށް ސަރުކާރުގެ މަޤާމްތައް ބައިބަޔަށް އަޅާލިއެވެ. އެއްބަސްވުމާއި އެއްގޮތައް ވެރިކަން ލިބުނު މީހާ ކަންތައްތައް ކުރެއްވިޔަސް، ވެރިކަމުގެ ދަހިވެތިކަން ހިތުތެރެއިން ފޮހެވިގެން ނުދެއެވެ. ނަތީޖާއެއްގެ ގޮތުން ވެރިކަމުގެ އެތެރޭގައި ތިބެގެން އެއްކަލަ މީހުން އަނެއްކާވެސް ވެރިކަން ވައްޓާލަން މަސައްކަތްކުރަން ފެށިއެވެ. އެހިސާބުން ވެރިކަމުގެ އަރައިރުންތައް ފެށުނީއެވެ. ތިމާ ވެރިކަމަށް ކުރިމަތިލުމުން، ތިމާއަށް ރައްޔިތުން ނުދިން ވޯޓް، ތިމާބުނެގެން އެހެން މީހަކަށް ދިނުމަކީ، ތިމާގެ މޮޅުކަމާއި، ރައްޔިތުން ތިމާ ބަލައިގަތް މިންވަރު ދޭހަވާ ކަމެއްކަމަށްބުނެ ރައީސަކަށް ހޮވުނު މީހާއާއި ދިމާކުރަން ފެށިއެވެ. އޭނާގެ ޕާޓީމީހުން އެކަމަށް ރައްދު ދޭން ފެށިއެވެ. އަދި ބައިއެޅި އެއްމެން އަތުން އެމަގާމްތައް އަތުލައި އެޕާޓީގެ މީހުންނަށް ދިނުމަށް ރައީސަށް ގޮވައި މުޒާހަރާކުރަން ފެށިއެވެ.