Parliament must clean up

13 Jul

މުހަންމަދު މަމްދޫޙް ވަހީދު، ހަރުގެ.ކޮމް

އަޅުގަނޑުމެންގެ ކުރިމަތީގައި މިއަދު ނިއުޅުވެމުން މިދާ ސިޔާސީ ޑްރާމާއަކީ ހަމައެކަނި ހަޖޫ ޖަހަޖަހާ ބަލަން ތިބެވޭ ވަރަށް ވުރެ ނުރައްކާތެރި އިޖްތިމާޢީ ބަލިމަޑުކަމަކާއި ދިމާއަށް އިޝާރާތް ކުރާ ކަމެކެވެ. އެތައް ދުވަހެއްގެ މަސައްކަތުން ދިވެހިރާއްޖޭގައި ޢަމަލު ކުރަމުން އައި ޤާނޫނު އަސާސީއާއި ސިޔާސީ ނިޒާމު ރައްޔެތުން ބަދަލު ކުރުމަށްފަހު، އެތައް އެތައް ބޮޑު ޚަރަދުކޮށް ރައްޔެތުންގެ ވޯޓަކުން ސަރުކާރެއް ޤާއިމުކޮށް، މިދިޔަ 10 ވަރަކަށް އަހަރު ކެނޑިނޭޅި ދިވެހީންގެ ތެރެއިން އެތައް ބަޔަކު ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކުރި މަސައްކަތްތަކެއްގެ ނަތީޖާ ހުރިހައި ދިވެހީންނަށް ލިބިދިނުމަށް ހުރަސް އެޅޭގޮތަށް ރައްޔެތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އަމަލުތައް ހުންނަކަން ރައްޔެތުންގެ ތެރޭގައި ފާހަގަ ކުރެވިފައިވާތާ އެތައް ދުވަހެއް ވެއްޖެއެވެ. 3 ބާރު ވަކިވެ އަލަށް އިންތިޚާބު ކުރެވުނު ރައްޔެތުންގެ މަޖިލީހަކީ ހުރިހައި ދިވެހިންވެސް ވަރަށް ބޮޑު އުންމީދު ތަކަކާއިއެކު އިންތިޚާބު ކުރި މަޖިލީހެއްކަމުގައި ބުނާނެ ގިނަ ސަބަބުތަކެއް ފެންނަން އެބަހުއްޓެވެ. އެއީ އެކަމުގައި ޢަމަލީގޮތުން ރައްޔެތުން ބައިވެރިވިލެއް ބޮޑުކަމުންނެވެ. އެކަމަށްޓަކައި މާލެއާއި އަތޮޅުތަކުގައި ރައްޔެތުން ކުރި ޚަރަދުތަކާއި ކެމްޕެއިންތަކެވެ.

މިހާރު މިއޮތް ރައްޔެތުންގެ މަޖިލިހުގެ ފުރަތަމަ ދައުރު ފެށިގެން މާ ލަސްތަކެއް ނުވެ އަޅުގަނޑުމެންގެ ސިޔާސީ ޙަޔާތުގެ އާ މަރްޙަލާއެއް ފެށިއްޖެކަން އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެއެވެ. އެނގިވަޑައިގެންނަވާނޭ ފަދައިން، މިހާރު މިއޮތް ސަރުކާރުގެ ކުރީގައި އޮތް މައުމޫނުގެ ސަރުކާރަކީ މީގެ ވިއްސަކަށް އަހަރުގެ ކުރީންވެސް، އެ ސަރުކާރުގެ ވެރީންނާއިމެދު ކޮރަޕްޝަނުގެ ގިނަ އިނގިލިތަކެއް ދިއްކުރެވިފައިވާ ސަރުކާރެކެވެ. އަދި މައުމޫނުގެ ސަރުކާރުގެ ފަހު 5 އަހަރު، އަލަށް އެތައް ޒުވާން ވަޒީރުންނެއް ކެބިނެޓަށް އައްޔަން ކުރެވުނީ ރައްޔެތުންނާއި ދުނިޔޭގެ ކުރިމަތީގައި ވަމުން ދިޔަ ބޭޒާރުތައް ހުއްޓުވުމަށެވެ. އެހެންނަމަވެސް، މައުމޫނުގެ ސަރުކާރުގެ ޢުމުރު ހަމަވުމާއެކު، އެ ސަރުކާރުގެ ދުވަސްވަރުގައި ސަރުކާރުގެ ބޮޑެތި މަޤާމުތަކުގައި ތިއްބެވި ބައެއް މިނިސްޓަރުންނާއި ވެރިން، އެމީހުންގެ އެއްވެސް ޤާނޫނީ ޙައިޞިއްޔަތެއް ނެތުމުން، ރައްޔެތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރިމަތި ލައްވައި ޚިޔާނާތާއި ކޮރަޕްޝަނުގެ ގިނަ ތުޙުމަތުތަކެއްގައި އިނގިލި ދިއްކުރެވިފައި ތިބި ބަޔަކު މެމްބަރުންގެ ގޮތުގައި ހޮވިގެން ދިޔަ މަންޒަރު އަޅުގަނޑުމެން އެންމެންނަށް ފެނުނެވެ.

އަލަށް އުފެދުނު ސަރުކާރުގެ މައިގަނޑު އެއް އަމާޒަކީ އޯގާތެރި ސަރުކާރެއް އެކުލަވާލާ ހިންގުން ކަމުގައި ވުމުން، މައުމޫނުގެ ވެރިކަމުގައި އެކިއެކި އަނިޔާއާއި މާއްދީ އަދި ނަފްސާނީ ގެއްލުންތައް ތަޙައްމަލު ކުރަންޖެހިފައިތިބި ރައްޔެތުން ކެތްތެރިކަން ކުޑަވެގެން އުޅުނު މަންޒަރުވެސް އަޅުގަނޑުމެންނަށް ފެނުނެވެ. އެހެންނަމަވަސް، ޤައުމާއި އަލަށް ޙަވާލު ވެވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ތަކުރާރުކޮށް ރައްޔެތުންނަށް އިލްތިމާސް ކުރައްވަމުން ގެންދިޔައީ ހިތްތިރި ކޮށް، ޤާނޫނުގެ އިމުގެ ތެރެއިންނާއި އައު ޤާނޫނު އަސާސީން ހުރިހައި ރައްޔެތުންނަށްވެސް ލިބިދީފައިވާ އަސާސީ ޙައްޤުތަކަށް އެއްވެސް އުނި ކަމެއް ނާންނާނެ ގޮތަށް ނޫނީ ކުރީގެ ސަރުކާރުން ނާއިންސާފުން އަނިޔާވެރިކޮށް ކޮށްފައިވާ ކަންކަމުގެ ބަދަލު ހިފުމަށް ނޫޅެ، މުޅި ދުނިޔެއަށް މިސާލަކަށް ވުމަށެވެ. އަދި ރައްޔެތުންވެސް މިގޮތުގައި ތިބިކަން ފާހަގަ ކުރަމެވެ. އަދި މިއީ މުޅި ދުނިޔެއަށް ބެލި ނަމަވެސް، އާދަޔާ ޚިލާފު، ލާމަސީލު ނަމޫނާއެކެވެ. އެހެންނަމަވެސް، ސަރުކާރާއި ބައިވެރި ނުވެ ތިބި ފަރާތްތަކުން ފެންނަމުން ދިޔައީ ކޮންކަހަލަ ކަންތައްތަކެއްތޯއެވެ؟ އާދެ، އެފަރާތްތަކުން ފެންނަމުން ދިޔައީ 2008ގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ޤަބޫލު ނުކުރެވިގެން އުޅުނު މަންޒަރެވެ. އަދި ރައްޔެތުންގެ މަޖިލީހުގެ ‘ހިމާޔަތުގައި’ ތިބެ ސަރުކާރަށް ޖެއްސުންކޮށް، ރިޔާސީ ދައުރު ހަމަ ނުވަނީސް ސަރުކާރު ބަދަލު ކޮށްލަން އުޅުނު މަންޒަރެވެ. އެތައް ގިނަ އަހަރުތަކެއް ވަންދެން ގިނަ ކެކުޅުން ތަކަކާއި ވޭން ތަޙައްމަލް ކުރުމަށް މަޖުބޫރުވެފައިވާ ރައްޔެތުންގެ ތަރައްޤީއަށް ރޭވިފައި ހުރި މަޝްރޫޢުތަކާއި ވިޔަފާރިއާއި އިޤްތިޞާދީ މަސައްކަތްތަކާއި ރާއްޖެއަށް އަންނަ ފޮރިން އިންވެސްޓްމަންޓާއި ހިލޭ އެހީވެސް އެކި ގޮތްގޮތުން ހުއްޓުވޭނެ ގޮތްގޮތް ރޭވުމެވެ.

އެންމެ ފަހުން ކަން މިވީ ކިހިނެތްތޯއެވެ؟ މައުމޫނުގެ ސަރުކާރުގައި ވަޒީރުކަން ކުރައްވާފައިވާ، މިހާރުގެ ރައްޔެތުންގެ މަޖީހުގައި ތިއްބެވި 4 މެމްބަރަކު އަދުގެ ސަރުކާރަށް ހުރަސްއަޅެމަށްތަކައި މަޖިލީހުގެ އެހެން މެމްބަރުންނަށް ރިޝްވަތު ދޭން މަސައްކަތް ކުރާ ކަމާއި އަދި ޤާނޫނީ އިމުންބޭރުން ކަންތައްތަކެއް ރާވަމުން ދާކަން ވަރަށް ހާމަކަން ބޮޑު ގޮތަކަށް ފަޅާ އެރިއެވެ. ދިވެހި ރައްޔެތުން މިއަދު އެމީހުންގެ ނިންމުން ނިންމައިފިއެވެ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް އަލަށް ލިބިގެން މިއުޅޭ ޑިމޮކްރެސީއާއި ޤާނޫނު އަސާސީއިން މެދުވެރިކޮށް އަޅުގަނޑުމެންގެ ކޯޓު ތަކަކަށް ދިވެހި ރައްޔެތުންނަކަށް އަދިވެސް އިޖްތިމާޢީ އިންސާފެއް ފޯރުކޮށް ދެވޭތަނެއް ނުފެނެއެވެ. ލީކުވީ ފޯނު ކޯލުތަކުގައި މެމްބަރުން ދައްކަވާފައިވާ ވާހަކަ ތަކަކީ މުޖްމަތަޢުއަށް އެއްވެސް ނުރައްކަލެއް ގެއްލުމެއް ލިބޭނެ ފަދަ ކަންކަމާއި ދިމާއަށް މަގުފަހި ކުރުމަށް ދެކެވުނު ވާހަކަތަކެއް ކަމެއް އެއްވެސް ކޯޓަކުން އަދި ބަލައެއް ނުގަނެއެވެ. އަދި ނުވީ ތާކަށް އިންސާނީ ޙައްޤުތައް ރައްކާތެރި ކުރުމަށްޓަކައި އުފެދިފައި އޮތް ‘މިނިވަން’ ކޮމިޝަންވެސް ނޫސް ބަޔާންތައް ނެރެމުން ދަނީ ލީކުވީ ފޯނު ކޯލުތަކުގައި ވާހަކަ ދައްކަވާފައިވާ ފަރާތްތަކުގެ ހިމާޔަތުގައެވެ. އެހެންނަމަވެސް، އަޅުގަނޑުމެން އެންމެންނަށްވެސް މިއަދު ޔަޤީން ވާ ކަމަކީ ކޮރަޕްޝަނަކީ މުޖްތަމަޢުން އެއްވެސް ޖާގައެއް ދެވޭނެ ކަމެއް ނޫންކަމެވެ. އަދި ކޮރަޕްޝަނުގެ ނުބައި ޢަމަލުން ރައްޔެތުންގެ މަޖިލިސް ތާހިރު ކުރެވިގެން ނޫނީ ދިވެހީންނަށް ލިބިފައިވާ ޑިމޮކްރެސީއެއް ނުދެމެހެއްޓޭނެ ކަމެވެ.

One Response to “Parliament must clean up”

  1. haruge July 21, 2010 at 11:22 am #

    hallo mr vaanua,

    this article is taken from http://www.haruge.com and you are publishing it without giving any credit. this is not good. pls maintain good journalist ethics.

    i like the website very much

    haruge team

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Connecting to %s

Follow

Get every new post delivered to your Inbox.